
ދިވެހިރާއްޖޭގެ ސެކިއުރިޓީޒްއާބެހޭ ގާނޫނު 2006 ވުޖޫދުވެގެން އައިސް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އިން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އުފައްދައި ދެ އަހަރު ދުވަހުގެ މުއްދަތަށް ފުރަތަމަ ހިންގީ ސެކިއުރިޓީޒް ގަނެވިއްކުމުގެ އިންތިގާލީ ވަސީލަތެއްގެ ގޮތުގައެވެ.
ޖަނަވަރީ 2008 ގައި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ހިންގުމުގެ ލައިސަންސް ސީ.އެމް.ޑީ.އޭ އިން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ކޮމްޕެނީ (އެމް.އެސް.އީ) އަށް ދޫކުރިއެވެ. އަދި އޭގެ ފަހުން، ސީ.އެމް.ޑީ.އޭ އިން ހިންގަމުންދިޔަ އިންޓަރިމް ސެކިއުރިޓީޒް ޓްރޭޑިންގ ފެސިލިޓީ އެމް.އެސް.އީ އަށް ބަދަލުކުރެވުނެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އުފެދުނީ ޕްރައިވެޓް ސެކްޓަރ އެކްސްޗޭންޖެއްގެ ގޮތުގައެވެ. އެއީ ދިވެހިރާއްޖޭގައި ސެކިއުރިޓީޒް ގަނެވިއްކުމާއި އޭގެ ސެޓްލްމެންޓް ނިންމުމަށް ބޭނުންވާ މާކެޓް ނިޒާމެއް ގާއިމުކުރުމަށާއި، ސްޓޮކް އެކްސްޗޭންޖުގައި ސެކިއުރިޓީޒްގެ މުއާމަލާތްކުރާ ފަރާތްތަކުގެ މަސައްކަތްތައް އެއް މިންގަނޑެއްގައި ހިފެހެއްޓުމަށާއި މޮނިޓަރ ކުރުމަށް ބޭނުންވާ ރެގިއުލޭޓަރީ އޮނިގަނޑެއް އެކުލަވައިލުމަށެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ "ސެންޓްރަލް ޑިޕޮސިޓަރީ" އަދި ކްލިއަރިންގ ސެޓްލްމަންޓްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ކޮމްޕެނީ (އެމް.އެސް.ޑީ) ހިންގުމުގެ ލައިސަންސް ޖަނަވަރީ 2008 ގައި އެމް.އެސް.އީ އަށް ދެވުނެވެ.
އެމް.އެސް.އީ ގައިވާ އެސްޓީއޯގެ ހިއްސާއަކީ 10 އިންސައްތައެވެ.
ރަޖިސްޓްރީކޮށްފައިވާ އެޑްރެސް
ހ.ގަދަމޫ ބިލްޑިންގ، 3 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު، މާލެ 20066، ދިވެހިރާއްޖެ
