hero line artwork

އެސްޓީއޯ ވިސުލްބްލޯވަރ

އެސްޓީއޯގެ ވިޔަފާރީގެ މުޢާމަލާތްތަކާއި ހިންގުން ކުރިއަށްގެންދިއުމުގައި، ކަންކަން ރަނގަޅު ގޮތުގައި ކުރުމަށާއި، ދެފުށް ފެންނަ، ޒިންމާދާރު، އަދި ނަޒާހަތްތެރި ސަގާފަތެއް ގާއިމުކުރުމަށް މި ކުންފުނިން އިސްކަންދެން

ވިސުލްބްލޯ ކުރެވޭނީ ކާކަށް؟

ކުންފުނީގެ ތެރޭގައި ހިނގާ އެއްވެސް ނޭދެވޭ ނުވަތަ ގޯސް އަމަލެއް ރިޕޯޓުކުރުމުގެ ފުރުސަތު، އެސްޓީއޯގެ ހުރިހާ މުވައްޒަފުންނަށާއި، ހިއްސާދާރުންނާއި، މަސްލަހަތުވެރިންނަށް، އަދި އާންމު ރައްޔިތުންނަށް އެސްޓީއޯ އިން ފަހިކޮށްދެމެވެ.

ރިޕޯޓުކުރެވޭނީ ކޮންކަންތައްތަކެއް؟

ވިސުލްބްލޯވަރ ފޯމު މެދުވެރިކޮށް ރިޕޯޓުކުރެވިދާނެ ނޭދެވޭ ކަންތައްތަކުގެ ތެރޭގައި ތިރީގައިވާ ކަންކަން ހިމެނެއެވެ. ނަމަވެސް ރިޕޯޓުކުރުން ހަމައެކަނި މިކަންކަމަށް މަހްދޫދެއް ނުވެއެވެ.

  • 01

    މާލީ ނަހަމަ އަމަލުތައް، ނޭދެވޭ މާލީ މުޢާމަލާތްތައް، ނުވަތަ މަކަރާއި ހީލަތް

    މީގެ ތެރޭގައި ޚިޔާނާތްތެރިވުމާއި، މާލީ ހިސާބުތައް އޮޅުވާލުމާއި، ރިޝްވަތު ހިފުމާއި ދިނުން، ނުވަތަ މަކަރުވެރި އެއްވެސް މާލީ އަމަލެއް ހިންގުން ހިމެނެއެވެ.

  • 02

    ގާނޫނީ ވާޖިބުތަކަށް، ގަވާއިދުތަކަށް، ނުވަތަ ކުންފުނީގެ ސިޔާސަތުތަކަށް އަމަލުނުކުރުން

    ގާނޫނުތަކާއި، ގަވާއިދުތަކާއި، ނުވަތަ ކުންފުނީގެ އެތެރޭގެ ސިޔާސަތުތަކާ ޚިލާފުވުން؛ މީގެ ތެރޭގައި ވަޒީފާއާބެހޭ ގާނޫނުތަކަށް ބޯނުލެނބުމާއި، އެއްބަސްވުންތަކާ ޚިލާފުވުން، ނުވަތަ މަސައްކަތު މާހައުލުގެ އުސޫލުތަކާ ޚިލާފުވުން ހިމެނެއެވެ.

  • 03

    ސިއްހަތާއި ރައްކާތެރިކަމަށް ނުވަތަ ތިމާވެއްޓަށް ހުރި ނުރައްކާތައް

    މުވައްޒަފުންނަށް، ކަސްޓަމަރުންނަށް ނުވަތަ އާންމުންނަށް ނުރައްކާވެދާނެ ފަދަ ހާލަތްތައް؛ މީގެ ތެރޭގައި ރައްކާތެރިނޫން މަސައްކަތުގެ މާހައުލުތަކާއި، ތިމާވެށި ތަޣައްޔަރުވުމާއި، ނުރައްކާތެރި ކުނި ނުބައިކޮށް ނައްތާލުން ހިމެނެއެވެ.

  • 04

    ޖިނާއީ ކުށްތައް

    ކުންފުނީގެ ތެރޭގައި ހިންގާ ގާނޫނާ ޚިލާފު ކޮންމެ އަމަލެއް؛ މީގެ ތެރޭގައި ވައްކަންކުރުމާއި، ކޮރަޕްޝަނާއި، މަކަރާއި ހީލަތް ހެދުން، ނުވަތަ މަނާ ކަންކަމުގައި ބައިވެރިވުން ހިމެނެއެވެ.

  • 05

    ޖިންސީ ފުރައްސާރަ

    މީގެ ތެރޭގައި ގަބޫލުނުކުރެވޭ ފަދަ ޖިންސީ ޢަމަލުތަކަށް ބާރުއެޅުމާއި، އެކަށީގެންނުވާ ބަސްމަގު ބޭނުންކުރުމާއި، މަޖުބޫރުކުރުވުން، ނުވަތަ މަސައްކަތްކުރަން އުނދަގޫ ބިރުވެރި މާހައުލެއް އުފެދޭ ފަދަ ކޮންމެ އަމަލެއް ހިންގުން ހިމެނެއެވެ.

  • 06

    ނޭދެވޭ ނުވަތަ އަޚްލާގީ މިންގަނޑުތަކާ ޚިލާފު އަމަލުތައް

    އަޚްލާގީ މިންގަނޑުތަކާ ޚިލާފު ކޮންމެ އަމަލެއް؛ މީގެ ތެރޭގައި މަގާމުގެ ނުފޫޒު ބޭނުންކުރުމާއި، ތަފާތުކުރުންތައް ގެންގުޅުމާއި، މަސްލަހަތު ފުށުއެރުމާއި، ނުވަތަ ތެދުވެރިނޫން އަމަލުތައް ހިންގުން ހިމެނެއެވެ.

ތިޔަ ހުށަހަޅުއްވާ މައްސަލައަށް ވާނީ ކިހިނެއް؟

ކޮންމެ ރިޕޯޓަކާ މެދުވެސް އަމަލުކުރެވޭނީ، ރިޕޯޓުކުރާ ފަރާތް ރައްކާތެރިކުރުމަށާއި މައްސަލަ ރަނގަޅަށް ބަލައި ދިރާސާކުރުމަށް ފަރުމާކުރެވިފައިވާ، ދެފުށް ފެންނަ، ޒިންމާދާރު ނިޒާމެއްގެ ތެރެއިންނެވެ.

މައްސަލަ ހުށަހެޅުން
ވިސުލްބްލޯވަރ
މައްސަލަ ބަލައިގަތުން
އޮޑިޓް ކޮމިޓީގެ މުގައްރިރު
ޗީފް އޮޑިޓް އެގްޒެކަޓިވް
މައްސަލަ ދިރާސާކުރުން
އޮޑިޓް ކޮމިޓީ
ފިޔަވަޅު އެޅުން
މެނޭޖްމަންޓުން މައްސަލަބެލުން
އޮޑިޓް ކޮމިޓީން މައްސަލަބެލުން

ބަދަލެއް ހޯދުމަށް އިސްނަގާ، ކަންކަން ފާހަގަކޮށް ރިޕޯޓުކުރޭ

އަމިއްލަ ވަނަވަރު ސިއްރުކުރުމަށް ތިޔަފަރާތުން އިޚްތިޔާރުކޮށްފި ނަމަ، ތިޔަފަރާތަކީ ކާކުކަން ހާމަވާފަދަ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް އެސްޓީއޯއިން ހިއްސާނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމުއެވެ.

ރިޕޯޓުކުރާ ފަރާތަށް ލިބިދޭ ރައްކާތެރިކަން

އެސްޓީއޯގެ ވިސުލްބްލޯވަރ ސިޔާސަތަކީ ކަންކަމުގެ މައުލޫމާތު ހާމަކުރުމަށް ހިތްވަރުދޭ އަދި ހެޔޮނިޔަތުގައި މިފަދަ ކަންބޮޑުވުންތައް ހާމަކުރާ ކުންފުނީގެ މުވައްޒަފުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭ ސިޔާސަތެކެވެ.

މައްސަލައެއް ރިޕޯޓުކުރާ ނުވަތަ ކަންބޮޑުވުމެއް ފާޅުކުރާ އެއްވެސް މުވައްޒަފަކަށް ރައްދުގައި ގެއްލުންދިނުމުގެ ނުވަތަ ބަދަލުހިފުމުގެ އެއްވެސް އަމަލެއް ހިންގުމަކީ ވިސުލްބްލޯވަރ ސިޔާސަތުގެ ދަށުން މުޅިން މަނާކަމެކެވެ.

ބަދަލުހިފުމުގެ އަމަލެއް ހިންގާފައިވާކަން ނުވަތަ މުވައްޒަފަކު އޭނާގެ ވަނަވަރު ސިއްރުކުރަން އެދިފައިވަނިކޮށް އެ ވަނަވަރު ސިއްރުކޮށްދީފައިނުވާކަން ސާބިތުވާ މުވައްޒަފުންނާ މެދު އިދާރީ ފިޔަވަޅު އެޅޭނެއެވެ.

ވިސުލްބްލޯވަރ ސިޔާސަތާ ޚިލާފު އެއްވެސް އަމަލެއް އަމިއްލަ ނަފްސަށް ކުރިމަތިވެއްޖެ ކަމަށް ގަބޫލުކުރެވޭ ކޮންމެ މުވައްޒަފަކުވެސް، ލަސްނުކޮށް އެކަން ކަމާބެހޭ ފަރާތަށް ރިޕޯޓުކުރަންވާނެއެވެ.

ގަސްދުގައި އޮޅުވާލުމުގެ ގޮތުން ނުވަތަ ދޮގު ރިޕޯޓު ހުށަހަޅާ މުވައްޒަފުންނާއި، އަދި އެ ހުށަހަޅާ މައުލޫމާތެއްގެ ތެދުކަމާއި ސައްހަކަމަށް ބުރަވެވޭނެ އެއްވެސް އަސާސެއް ނެތް މައްސަލަތައް ހުށަހަޅާ މުވައްޒަފުންނަށް މި ސިޔާސަތުގެ ދަށުން ރައްކާތެރިކަމެއް ނުލިބޭނެއެވެ. އަދި އެފަދަ މުވައްޒަފުންނާ މެދު އިދާރީ ފިޔަވަޅު އެޅޭނެއެވެ.