
މައުލޫމާތުގެ މަރުކަޒު
ދެފުށް ފެންނާނެހެން ކުންފުނި ހިންގުމުގެ ކަންކަން ކުރުމާއި މައުލޫމާތު ހާމަކުރުން
އެސްޓީއޯ މައުލޫމާތުގެ މަރުކަޒަށް މަރުހަބާ. ކަންކަން ފާޅުކަން ބޮޑު ގޮތެއްގައި ކުރުމަށާއި، ޒިންމާދާރުކަމާއެކު އިސްނަގައިގެން ކަންކަން ހިންގުމުގެ މަގުސަދުގައި، އަޅުގަނޑުމެންގެ އެތެރޭގެ ސިޔާސަތުތަކާއި، އިދާރީ އޮނިގަނޑު އަދި ހިންގުމާ ގުޅުންހުރި މައުލޫމާތު ހިމެނޭ ފުރިހަމަ ޑައިރެކްޓަރީއެއް އަމިއްލަ އިސްނެގުމުގެ މަތިން މިވަނީ އެކުލަވައިލެވިފައެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރުޓީއައި) ގެ ދަށުން އެސްޓީއޯއިން މައުލޫމާތު ހޯއްދަވާނަމަ، އެންމެ ފުރަތަމަ މި ސަފުހާއަށް ރިޢާޔަތްކުރުމަށް އަޅުގަނޑުމެން ހިތްވަރުދެމެވެ. ސަބަބަކީ ތިޔަފަރާތަށް ބޭނުންވެދާނެ ގިނަ މައުލޫމާތުތަކެއް މިހާރުވެސް މި ސަފުހާއިން ލިބެން ހުންނާނެތީއެވެ. މި ސަފުހާ ޝާއިއު ކުރެވުނީ 9 ޖުލައި 2026 ގައެވެ.
ކުންފުނީގެ ދައުރު އަދި މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
ކުންފުނީގެ އޮނިގަނޑު
ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް
އަޅުގަނޑުމެންގެ މުދަލާއި ހިދުމަތްތައް ބެހިފައިވަނީ މި ދާއިރާތަކަށެވެ.
ޝަކުވާ އުފުލޭނެ އުސޫލު
ހުކުރު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ހަވީރު 17:00 އަށް، އަޅުގަނޑުމެންގެ މައި ކޯލް ސެންޓަރު (1422 ނުވަތަ 3344333 960+) މެދުވެރިކޮށް އޭޖެންޓުންނާ ވާހަކަދެއްކެވޭނެއެވެ. މީގެ އިތުރުން، އީމެއިލް (info@sto.mv) މެދުވެރިކޮށް އަދި މި ވެބްސައިޓުގައިވާ ތިރީގައިމިވާ ފޯމުތަކުން ހުށަހަޅާ ޝަކުވާތައްވެސް އަޅުގަނޑުމެން ބަލަމުންދާނަމެވެ.
ލިބިފައިވާ ޝަކުވާތަކުގެ ތަފުސީލު 2025
ހުރިހާ ދާއިރާއަކުން ލިބިފައިވާ ކަސްޓަމަރުންގެ ޝަކުވާ: 25،333
މައްސަލަ ހައްލުކުރެވުނު ނިސްބަތް: %86ވިސުލްބްލޯވަރ މެދުވެރިކޮށް ހުޅަހެޅިފައިވާ މައްސަލަތައް: 28
މައްސަލަ ހައްލުކުރެވުނު ނިސްބަތް: %85
މައުލޫމާތާއި ލިޔެކިޔުންތައް ބެލެހެއްޓުމުގައި އަމަލުކުރާގޮތް
ލިޔެކިޔުންތައް ބަލަހައްޓަނީ އެތެރޭގެ ލިޔެކިޔުން ބެލެހެއްޓުމުގެ ނިޒާމެއްގެ ތެރެއިންނެވެ. ކަރުދާހުގައި ހުންނަ ލިޔެކިޔުންތައް އިލެކްޓްރޯނިކްކޮށް ރައްކާކުރުމަށްޓަކައި ސްކޭންކޮށް ޑިޖިޓަލް ކުރެވެއެވެ. އަދި ރެކޯޑުތައް ރައްކާތެރިކަމާއެކު ބަލަހައްޓައި އަރުޝީފު ކުރެވެނީ ހެދިފައިވާ ޤާނޫނުތަކާއި ރެގިއުލޭޓަރީ އިދާރާތަކުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މައުލޫމާތު ރައްކާތެރިކޮށް ބަލަހައްޓަނީ ކަމާބެހޭ ގާނޫނުތަކާއި، ގަވާއިދުތަކާއި އަދި އެތެރޭގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މައުލޫމާތާއި ޝާއިއުކުރެވޭ ލިޔުންތައް ރަސްމީ ވަސީލަތްތައް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރުޓީއައި) ގެ ދަށުން ކަނޑައެޅިފައިވާ އިޖުރާއަތްތަކާއި، ކުންފުނިން މައުލޫމާތު ދޫކުރުމަށް ކަނޑައަޅާފައިވާ ރަސްމީ މަރުހަލާއާ އެއްގޮތަށް ހުށަހެޅޭނެއެވެ.
އިދާރާއިން ގެންގުޅެ ބަލަހައްޓާ މައުލޫމާތު
އެސްޓީއޯގެ މަސްއޫލިއްޔަތުތަކާއި ހިންގުމުގެ ދާއިރާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ވިޔަފާރި، ކޯޕަރޭޓް، މާލީ އަދި އިދާރީ އެކި ދާއިރާތަކާ ގުޅޭ މައުލޫމާތު އެސްޓީއޯއިން ހިފަހައްޓައި ބަލަހައްޓައެވެ.
ކޯޕަރޭޓް ގަވަރނަންސް އަދި މެނޭޖްމަންޓް – ބޯޑާއި ކޮމިޓީތަކުގެ ރެކޯޑުތައް، އެކްޒެކެޓިވް މެނޭޖްމަންޓުގެ މައުލޫމާތު، ކޯޕަރޭޓް ގަވަރނަންސް ލިޔެކިޔުންތައް އަދި އެއާ ގުޅޭ ނިންމުންތަކާއި ގަރާރުތައް.
ޕޮލިސީތަކާއި އެތެރޭގެ ހިންގުން – އުސޫލުތައް، އިޖުރާއަތުތައް، ގައިޑްލައިންތައް އަދި އެތެރޭގެ ހިންގުމާ ގުޅޭ އެހެނިހެން ލިޔެކިޔުންތައް.
ކޯޕަރޭޓް ޕްލޭނިންގ އަދި ޕާފޯމަންސް – އިސްތިރާޖީ ރޭވުންތައް، އަހަރީ ރިޕޯޓުތައް، ކުއާޓަރލީ ރިޕޯޓުތައް، ޕާފޯމަންސް ރިޕޯޓުތައް އަދި އެއާ ގުޅޭ ކޯޕަރޭޓް މައުލޫމާތު.
މާލީ މައުލޫމާތު – މާލީ ރިޕޯޓުތައް، އޮޑިޓްކުރެވިފައިވާ މާލީ ބަޔާންތައް، ބަޖެޓުތައް އަދި އެހެނިހެން މާލީ މައުލޫމާތު.
ޕްރޮކިއުމަންޓް އަދި ކޮންޓްރެކްޓިންގ – ޕްރޮކިއުމަންޓް ޕްލޭންތައް، ބީލަމުގެ މައުލޫމާތު، އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު އަދި މުދަލާއި ހިދުމަތް ހޯދުމާ ގުޅޭ ރެކޯޑުތައް.
އިންސާނީ ވަސީލަތްތަކާއި މުއައްސަސާގެ މައުލޫމާތު – ކުންފުނީގެ އޮނިގަނޑު، މަސްއޫލިއްޔަތުތައް، މުވައްޒަފުން އަދި އިންސާނީ ވަސީލަތްތައް ބެލެހެއްޓުމާ ގުޅޭ މައުލޫމާތު.
ކަސްޓަމަރުންނާއި ހިދުމަތްތަކާ ގުޅޭ މައުލޫމާތު – ކަސްޓަމަރުންގެ ހިދުމަތްތަކާއި، ހިދުމަތް ފޯރުކޮށްދިނުމާއި، ކަސްޓަމަރުންނާ ގުޅޭ އެހެނިހެން ކަންކަމުގެ މައުލޫމާތު.
އާންމު މުއާމަލާތްތައް – އާންމު އެންގުންތައް، އިއުލާންތައް، ޝާއިއުކުރާ ލިޔުންތައް، މީޑިއާ ރިލީޒްތައް އަދި އެސްޓީއޯއިން ނެރޭ އެހެނިހެން މައުލޫމާތު.
މަޝްރޫއުތަކާއި އުމްރާނީ ވަސީލަތްތައް – މަޝްރޫއުތަކާއި، އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ތަންފީޒުކުރުމާއި އެއާ ގުޅޭ ހަރަކާތްތަކުގެ މައުލޫމާތު.
މަސްލަހަތުވެރިންނާއި އިޖުތިމާއީ ގުޅުން – މަސްލަހަތުވެރިންނާއެކު ބޭއްވޭ ގުޅުންތަކާއި، އިޖުތިމާއީ ތަރައްގީގެ ހަރަކާތްތަކާއި އެއާ ގުޅޭ މައުލޫމާތު.
ވިޔަފާރި ހިންގުން – އެސްޓީއޯގެ ވިޔަފާރި ހަރަކާތްތަކާއި، އުފެއްދުންތަކާއި، ހިދުމަތްތަކާއި ހިންގުމުގެ ދާއިރާތަކާ ގުޅޭ މައުލޫމާތު.
އާންމުކޮށް ޝާއިއުކުރެވޭ ލިޔެކިޔުންތަކާއި މައުލޫމާތު
ޕަބްލިކް ކުންފުންޏެއްގެ ހައިސިއްޔަތުން، ކަންކަން ފާޅުކަން ބޮޑު ގޮތެއްގައި ކުރުމަށާއި، ހިއްސާދާރުންނާ އެކު އޮންނަ ގުޅުން ބަދަހިކުރުމަށް އަޅުގަނޑުމެން އިސްކަންދެމެވެ. މިގޮތުން، ކުންފުނީގެ ހިންގުމާއި އަދި އިސްތިރާޖީ މަސައްކަތްތައް ހާމަކޮށްދޭ މާލީ މައުލޫމާތާއި، ރިޕޯޓުތަކާއި، އަދާހަމަތައް އަޅުގަނޑުމެން އާންމުކުރަމެވެ.
ހިއްސާދާރުންގެ ބައްދަލުވުންތަކާއި ގުޅޭ ލިޔެކިޔުންތައް
ގަވަރނަންސް ރިޕޯޓުތަކާއި މުހިއްމު ޕޮލިސީތަކާއި އަދި ޗާޓަރުތައް
ތިމާވެއްޓާއި، މުޖުތަމައު އަދި ކުންފުނި ހިންގުމުގެ ނިޒާމާ ގުޅޭ ރިޕޯޓު އަދި ކުންފުނީގެ އިޖުތިމާއި ޒިންމާގެ ދަށުން ހިންގޭ ހަރަކާތްތަކުގެ މައުލޫމާތު
ކުންފުނީގެ ހަބަރާއި އަދި އިއުލާންތައް
މައުލޫމާތަށް އެދުމުގައި އަމަލުކުރަންވީ އުސޫލު
އެސްޓީއޯއިން މަސައްކަތް ކުރަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މައުލޫމާތު ހޯދުމުގެ ފުރުސަތު ފަހިކޮށްދީ، ނަޒާހަތްތެރިކަމާއި ޒިންމާދާރުކަމުގެ އުސޫލުތައް ނެގެހެއްޓުމަށެވެ. މައުލޫމާތު ހޯދުމަށް އެދޭ ފޯމު ހުށަހަޅަންވާނީ "މަހޯލި" ޕޯޓަލް މެދުވެރިކޮށެވެ. މިފަދަ ހުށަހެޅުންތަކަށް މައުލޫމާތު ފޯރުކޮށްދެވޭނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މަހޯލި ޕޯޓަލްގެ ލިންކު: icom.mv/portal
ކުންފުނީގެ އިސްވެރިންގެ މަސްއޫލިއްޔަތުތަކާއި، ލިބިދޭ ބާރާއި އިހުތިޔާރުތައް
މި މައުލޫމާތުތައް ކުންފުނީގެ އަހަރީ ރިޕޯޓުތަކުގެ، ކުންފުނި ހިންގުމުގެ ނިޒާމު (ކޯޕަރޭޓް ގަވަރނަންސް) ބައިގައި ހިމެނިފައިވެއެވެ. (އަހަރީ ރިޕޯޓް 2025 ގެ ސަފުހާ 51 އިން 92 އަށް)
ކުންފުނިން އަމަލުކުރާ ގާނޫނުތަކާއި ގަވާއިދުތައް
ފުޅާ ދާއިރާއެއްގައި ގިނަ ވިޔަފާރިތަކެއް ކުރާ، ހިއްސާ މާރުކޭޓުގައި ލިސްޓުކޮށްފައިވާ ޕަބްލިކް ކުންފުންޏެއްގެ ހައިސިއްޔަތުން، އެސްޓީއޯ ހިންގަމުންދަނީ ހަރުދަނާ ގާނޫނީ، ރެގިއުލޭޓަރީ، އަދި ކުންފުނި ހިންގުމުގެ ނިޒާމީ އޮނިގަނޑެއްގެ ދަށުންނެވެ. ކުންފުނީގެ ވިޔަފާރީގެ އެންމެހައި ކަންކަން ކުރިއަށްގެންދިއުމުގައި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޝަރުތުތައް ހިމެނޭހެން، ހިނގާ އެންމެހައި ގާނޫނުތަކާއި، ގަވާއިދުތަކާއި، ރެގިއުލޭޓަރީ ލާޒިމުކުރުންތަކާއި، އެތެރޭގެ ސިޔާސަތުތަކަށް އަދި ކޯޕަރޭޓް ގަވަރނަންސްގެ މިންގަނޑުތަކަށް ފުރިހަމައަށް ބޯލެނބުމަށް ކުންފުނިން އިސްކަންދެއެވެ.
ކުންފުނިން އަމަލުކުރުން ލާޒިމުވާ މުހިންމު ގާނޫނުތަކާއި، ގަވާއިދުތަކާއި، އަދި ރެގިއުލޭޓަރީ މިންގަނޑުތަކުގެ ތެރޭގައި ހިމެނެނީ:
ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު: 2/2008)
ކުންފުނީގެ ގާނޫނު (ގާނޫނު ނަންބަރު: 7/2023)
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (ގާނޫނު ނަންބަރު: 1/2014)
މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު: 12/2020)
ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު: 16/2019)
ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު: 2/2006)
ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު: 16/2014)
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު (ގާނޫނު ނަންބަރު: 22/2010)
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު: 10/2011)
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު: 25/2019)
މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު: 2/2024)
އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ގާނޫނު (ގާނޫނު ނަންބަރު: 1/2024)
ޖެންޑަރ އިކުއަލިޓީގެ ގާނޫނު (ގާނޫނު ނަންބަރު: 18/2016)
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު: 8/2009)
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު: 4/93)
ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު: 29/2015)
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު: 6/2024)
މަދަނީ އިޖުރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު: 32/2021)
ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު (ގާނޫނު ނަންބަރު: 9/2014)
ކުންފުނި ހިންގުމުގެ ނިޒާމީ އޮނިގަނޑާއި، ސިޔާސަތުތައް އަދި މިކަމާ ގުޅުންހުރި ލިޔެކިޔުންތަކާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، ކުންފުނީގެ ވެބްސައިޓުގައިވާ ކުންފުނީގެ ސިޔާސަތުތައް ހިމެނޭ ބަޔަށް ރިއާޔަތްކުރެއްވުން އެދެމުއެވެ.
ކުންފުނިން އަމަލުކުރާ އުސޫލުތަކާއި ހަމަތައް
ރައްޔިތުންނަށް އޭގެ އަސަރެއް ފޯރާގޮތަށް ނިންމާފައިވާ ނިންމުންތަކާއި އޭގެ ސަބަބުތައް
ކުންފުނީގެ އަހަރީ ރިޕޯޓު 2025 ގެ ސަފުހާ 51 އިން 92 އަށް އަދި އެންމެ ފަހުގެ ކުއާޓަރލީ ރިޕޯޓުތަކަށް ރިއާޔަތް ކުރެއްވުން އެދެމެވެ.
ކުންފުނީގެ ސިޔާސަތުތަކާމެދު ހިޔާލު ހުޅަހަޅައި، ފާޑުކިޔައި، އަދި ސިޔާސަތުތައް ބައްޓަންކުރުމުގައި ރައްޔިތުންނަށް ބައިވެރިވެވޭނެ ނިޒާމު
އެސްޓީއޯއިން ބޮޑެތި މަޝްރޫއުތަކާއި އިސްތިރާޖީ މަސައްކަތްތައް ރާވައި ހިންގުމުގައި، ކުންފުނީގެ މަސްލަހަތުވެރިންނާ މަޝްވަރާކުރުމަށާއި އެފަރާތްތަކުގެ ހިޔާލަށް ރިއާޔަތްކުރުމަށް އިސްކަންދެމެވެ. މިގޮތުން ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތައް ފަށާއިރު، އޭގެ ސަބަބުން ކުރިމަތިވެދާނެ އަސަރުތަކާއި، ހުރި ކަންބޮޑުވުންތަކާއި އަދި އުންމީދުތައް ފާހަގަކޮށް ދެނެގަތުމަށްޓަކައި، މަސްލަހަތުވެރިންނާއެކު ކުންފުނިން މަޝްވަރާ ބައްދަލުވުންތައް ބާއްވައެވެ. އެފަރާތްތަކާ މަޝްވަރާކުރުމުގައި އަޅުގަނޑުމެން ގެންގުޅޭ އުސޫލުތަކާ ބެހޭ އިތުރު މައުލޫމާތު ކުންފުނީގެ އަހަރީ ރިޕޯޓު 2025 ގެ 80 ވަނަ ސަފުހާގައި ހިމެނިފައިވެއެވެ.
މީގެ އިތުރުން، މަސްލަހަތުވެރިންގެ ކަންބޮޑުވުންތައް ކަސްޓަމަރުންގެ ޝަކުވާ ހުށަހަޅާ ފޯމު މެދުވެރިކޮށް ވެސް ހުށަހެޅޭނެއެވެ. މިގޮތަށް ހުށަހަޅާ ހުށަހެޅުންތައް މެނޭޖްމަންޓުގެ ގުޅުންހުރި ކޮމިޓީތަކުން ދިރާސާކުރާނެއެވެ. އަދި އޭގެ ތެރެއިން އެކަށީގެންވާ ކަންކަމަށް، ކުންފުނީގެ ނިންމުންތައް ނިންމުމުގައާއި ހިންގުން އިތުރަށް ހަރުދަނާކުރުމުގެ މަރުހަލާތަކުގައި ރިއާޔަތްކުރެވޭނެއެވެ. އަދި ބޭނުންނަމަ، ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރަށް ސީދާކޮށް ހުށަހެޅުމުގެ އިހްތިޔާރުވެސް މަސްލަހަތުވެރިންނަށް ލިބިގެންވެއެވެ.
ކުންފުނީގެ އިސްތިރާޖީ ވިޔަފާރި ޕްލޭން
އެސްޓީއޯ އިވޯލްވް ބިޒްނަސް ޕްލޭން 2026-2030
2025 ގައި ކުރެވިފައިވާ ހަރަދުތައް
ވަކިވަކި މުވައްޒަފުންގެ އުޖޫރައާއި ދެވޭ އިނާޔަތްތައް
ވަކިވަކި އެގްޒެކެޓިވުންނާއި މުވައްޒަފުންގެ އުޖޫރައިގެ ތަފްސީލަކީ ސިއްރު އަދި ވިޔަފާރީގެ ގޮތުން ހައްސާސް މައުލޫމާތަކަށް ވާތީ، އެ މައުލޫމާތު ހާމަނުކުރުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ. މި މައުލޫމާތު އާންމުކޮށް ހާމަކުރުމަކީ، މުވައްޒަފުންގެ އަމިއްލަ ދިރިއުޅުމުގެ ސިއްރުވެރިކަމަށް ބުރޫއަރައި، ގާބިލު މުވައްޒަފުން ހޯދުމާއި ކުންފުނީގައި ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅިދާނެ ކަމެކެވެ.
އުޖޫރަ ކަނޑައެޅުމުގެ ނިޒާމުގެ ދެފުށް ފެންނަ މިންވަރު ހިފެހެއްޓުމުގެ ގޮތުން، ކުންފުނީގެ އަހަރީ ރިޕޯޓުގެ ބައެއްގެ ގޮތުގައި ކޮންމެ އަހަރަކު ޝާއިއުކުރާ "ރެމިއުނަރޭޝަން ރިޕޯޓު" (އަހަރީ ރިޕޯޓު 2025 ގެ ސަފުހާ 84-87) ގައި، ބޯޑު މެންބަރުންގެ ވަކިވަކި އުޖޫރައާއި، އެގްޒެކެޓިވުންނަށް ޖުމްލަ ދެވޭ އުޖޫރައިގެ އަދަދުގެ އިތުރުން، ބޯޑާއި، އެގްޒެކެޓިވުން އަދި މުވައްޒަފުންނަށް ހިނގާ އުޖޫރައިގެ ސިޔާސަތުތަކާއި އޮނިގަނޑު ކުންފުނިން ހާމަކުރެއެވެ. މިގޮތަށް މައުލޫމާތު ހާމަކުރުމުން، ސިއްރު ހިފެހެއްޓުމާއި ވިޔަފާރީގެ ހައްސާސްކަމަށް ރިއާޔަތްކޮށް އެކަންކަން ހިމާޔަތްކުރުމާއެކު، މަސްލަހަތުވެރިންނަށް އެކަށީގެންވާ މިންވަރެއްގައި ދެފުށްފެންނަ ގޮތަށް މައުލޫމާތު ލިބިގެންދެއެވެ.
ކުންފުނީގެ ނިންމުންތައް ނިންމުމުގެ މަރުހަލާތަކާއި އުސޫލު
ފުޅާ ދާއިރާއެއްގައި ގިނަ ވިޔަފާރިތަކެއް ކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން، އެސްޓީއޯއިން އަންނަނީ ވިޔަފާރީގެ އެކި ދާއިރާތަކުން ހިންގުމުގެ، ވިޔަފާރީގެ، މާލީ، އަދި އިސްތިރާޖީ ގިނަ ނިންމުންތަކެއް ނިންމަމުންނެވެ.
އާންމު އުސޫލެއްގެ ގޮތުން، ކަންކަން ނިންމުމުގެ މަސައްކަތް ފެށިގެން އަންނަނީ އެކަމާ ގުޅުންހުރި ވިޔަފާރީގެ ނުވަތަ އެހީތެރިކަން ފޯރުކޮށްދޭ ދާއިރާއަކުންނެވެ. އަދި އެކަމަކާ ގުޅޭގޮތުން ފަންނީ، މާލީ، ގާނޫނީ، ހިންގުމުގެ، އަދި ރިސްކު ރިވިއުތައް (އެކަށީގެންވާ ހާލަތްތަކުގައި) ހެދުމަށްފަހު، ކުންފުނީގެ ބާރުތައް ހަވާލުކުރުމުގެ އުސޫލާއި ހިންގުމުގެ ނިޒާމީ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން، އެކަމަށް ކަނޑައެޅިފައިވާ ހުއްދަދޭ ފަރާތަކަށް ހުށަހެޅެއެވެ. މިގޮތުން ހުށަހެޅޭ ކަންކަމުގެ ބާވަތަށާއި، މާލީ އަގަށާއި، އަދި އެކަމެއްގައި ހިމެނޭ ރިސްކަށް ބަލައި، ހުއްދަ ދޭނީ މެނޭޖްމަންޓުން، އެގްޒެކެޓިވް ކޮމިޓީން، ބޯޑު ކޮމިޓީތަކުން، ނުވަތަ ޑިރެކްޓަރުންގެ ބޯޑުންނެވެ.
ހުރިހާ ނިންމުންތަކެއްވެސް ނިންމަނީ، ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ސިޔާސަތުތަކާއި، އިޖުރާއަތްތަކާއި، ޑެލިގޭޝަން އޮފް އޮތޯރިޓީ އަދި އެތެރޭގެ ކޮންޓްރޯލް އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި އުސޫލުތަކުގެ ސަބަބުން، ވަކިވަކި ފަރާތްތަކުގެ ދައުރާއި، ޒިންމާތަކާއި، ހުއްދަދޭ ފަރާތްތަކާއި އަދި ބަލައިދެކޭނެ ނިޒާމުތައް ސާފުކޮށް ކަނޑައެޅިގެންދެއެވެ. މިއީ ނިންމުންތައް އެއްގޮތަކަށް، ދެފުށް ފެންނަ ގޮތަށް، އަދި މަސްލަހަތުވެރިންނަށް އެންމެ ފައިދާހުރި ގޮތަށް ނިންމުމަށްޓަކައެވެ.
ކުންފުނީގެ ޒިންމާ އުފުލުމަށް އޮންނަ ހަމަތަކާއި ޖަވާބުދާރީކުރުވުން ރޭވިފައިވާ ގޮތް
އެސްޓީއޯގެ އިސްތިރާޖީ ލަނޑުދަނޑިތައް ހާސިލުކުރުމުގައާއި ޒިންމާތައް އަދާކުރުމުގައި، ކުންފުންޏާއި، ބޯޑާއި، މެނޭޖްމަންޓް އަދި މުވައްޒަފުން ޖަވާބުދާރީވުން ކަށަވަރުކުރުމަށްޓަކައި، ޖަވާބުދާރީވުމުގެ ހަރުދަނާ އޮނިގަނޑެއް އެސްޓީއޯއިން ހިފަހައްޓައެވެ.
ޖަވާބުދާރީވުމުގެ ނިޒާމު މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ "އެސްޓީއޯ އިވޯލްވް އިސްތިރާޖީ ވިޔަފާރި ޕްލޭން" ގެ ދަށުންނެވެ. މި ޕްލޭންގެ ސަބަބުން ކުންފުނީގެ އިސްތިރާޖީ އިސްކަންދޭ ކަންކަމާއި، މިންކުރެވޭނެ ކީ ޕާފޯމަންސް އިންޑިކޭޓަރުތަކާއި އަދި ހާސިލުކުރަންވީ ލަނޑުދަނޑިތައް ކަނޑައެޅިގެންދެއެވެ. މަސައްކަތްތައް ބަލައި މުރާޖައާކޮށް ރިޕޯޓުކުރުމުގެ ނިޒާމުތައް މެދުވެރިކޮށް، މި ލަނޑުދަނޑިތައް ހާސިލުވަމުންދާ މިންވަރު ގަވާއިދުން ބަލަމުންދެއެވެ.
މީގެ އިތުރުން، ކުންފުނި ހިންގުމުގެ ނިޒާމީ އޮނިގަނޑުގެ ތެރެއިން ވެސް ޖަވާބުދާރީވުން އިތުރަށް ވަރުގަދަކުރެއެވެ. މީގެ ތެރޭގައި، ބޯޑުން ކަންކަން ބަލައި ސުޕަވައިޒްކުރުމާއި، ބާރުތައް ހަވާލުކުރުމާއި، ފާސްކޮށްފައިވާ ސިޔާސަތުތަކާއި އިޖުރާއަތްތަކާއި، އެންޓަޕްރައިޒް ރިސްކް މެނޭޖްމަންޓާއި، އެތެރޭގެ ކޮންޓްރޯލްތަކާއި، އެތެރޭގެ އަދި ބޭރުގެ އޮޑިޓްތަކާއި، ރެގިއުލޭޓަރީ މިންގަނޑުތަކަށް ބޯލެނބުމާއި، އަދި ބޯޑަށާއި ބޯޑުގެ ކޮމިޓީތަކަށް ދައުރުން ދައުރަށް ރިޕޯޓު ހުށަހެޅުން ހިމެނެއެވެ. މި ހުރިހާ ނިޒާމުތައް އެކުވެގެން، ޒިންމާދާރުކަމާއެކު ނިންމުންތައް ނިންމުމަށާއި، ހަރުދަނާގޮތެއްގައި މަސައްކަތްތައް މެނޭޖްކުރުމަށާއި، އަދި މުޅި ކުންފުނީގެ ހިންގުން މެދުނުކެނޑި އިތުރަށް ހަރުދަނާކުރުމަށް ބާރުއަޅައެވެ.
އިންފޮމޭޝަން އޮފިސަރު
އާމިނަތު އިޝާދާ ޝަރީފް
ކޮމްޕްލަޔަންސް މެނޭޖަރ، ކޯޕަރޭޓް އެފެއާޒް
އީމެއިލް: information.officer@sto.mv
ފޯން: 333 3344 (960)